ރާއްޖެއިން ބޭރަށް އެމަނިކުފާނު ކުރައްވަވާ  އަމިއްލަ ދަތުރުފުޅަކަށް މުލީއާގޭ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ އަމިއްލަ ދަތުރުފުޅުތަކަށް، އުސޫލު އޮންނަ ގޮތުން، މުލީއާގޭ ބަޖެޓުން ހަރަދު ކުރެވުނަސް އެމަނިކުފާނު އެގޮތަށް ކަން ނުކުރައްވާ ކަމަށާއި، އަމިއްލަފުޅު އެއްވެސް ދަތުރުފުޅެއްގެ އެއްވެސް ހަރަދެއް މުލީއާގޭގެ ބަޖެޓުން ކުރައްވާފައި ނުވާނެ ކަމަށެވެ.

”އަޅުގަނޑު މިއީ ކިރިޔާ ވެސް ވާން އޮތިއްޔާ އަމިއްލައަށް ހުރިހާ ކަމެއް ކުރާ މީހެއް. ދިމްޔާތުގަ، މުލީއާގެ މަރާމާތުކޮށް ނިމެންދެކަށް ހުރީ، ވަރަށް ގިނަ އެލެގޭޝަންސް އައި، މުލީއާގެ ބަޖެޓުންނޭ، ނޫނީ ފަހުން އަޅުގަނޑު ބިލު ކުރިއޭ. ނޫން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ދާދި ފަހުން ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހުގައި، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ އިއްޔެއެވެ.