ސަރުކާރަކީ ބަރުހެލި ކަމުގައި ކުރިއަށް ދިޔުމަށްވުރެ، ލިބޭ އެއްޗަކުން ހިންގާ ސަރުކާރަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ ގިނައިން ހަރަދު ނުކުރުމަކީ ދުނިޔޭގެ މާލީ އިދާރާތަކުން އަބަދު ވެސް ސަރުކާރުތަކަށް ދޭ ނަސޭހަތެއް ކަމަށެވެ.
ނަމަވެސް ސިޔާސީ އެކި ސަބަބުތަކާ ހުރެ، އެކި ސަރުކާރުތަކުން، މިހާތަނަށް އެގޮތަށް އަމަލު ކުރަމުން އައިސްފައިނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ރައީީސް، ކެމްޕެއިން ތެރޭގައި ވެސް، އަދި އެމަނިކުފާނުގެ މެނިފެސްޓޯގެ ވެސް ވައުދެއް އެއީ، ސަރުކާރުގެ ބަރުހެލި ކަމުގައި ކުރިއަށް ދިޔުމަށްވުރެ، ސަރުކާރަކީ އެފިޝަންޓްކޮށް، ހަރަދު ކުޑަކޮށް ކުރިއަށް ގެންދާ ސިސްޓަމަކަށް މުޅި ގަވަނަންސް ވާން ޖެހޭކަން، އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް ބަރު ބޮޑުވާ ކުންފުނިތައް، ސަރުކާރުން ފައިސާ އިންޖެކްޓު ކުރަން ޖެހޭ ކުންފުނިތައް ހުރިއްޔާ، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް.“ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުންފުނިތައް މާޖު ކުރަން ފެށުމުގެ، ރައީސް މުއިއްޒުގެ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއް ކަމުގައެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.
އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ނުވަތަ އެމްއޭސީއެލްއާ މާޖްކޮށް އެކީގައި ހިންގޭނެ ގޮތްތަކާމެދު ކެބިނެޓްގައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުން ނުވަތަ ދެ ކުންފުނި މާޖްކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

