މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއްކޮށްލަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިކަން ހާމަކުރައްވައިފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުން މިހާރަށްވުރެ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެގެން ދާނެ ކަމަށެވެ.

ކުންފުނިތައް އެއްކޮށްލުމުން މުވައްޒަފުންނަށް ނުރަނގަޅު ކަމެއް މެދުވެރި ނުވާނެ ކަމަށާއި މުވައްޒަފުންނަށް އިތުރުގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ ވަޒީފާ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް މުހިންމު ކަމަށެވެ.

“31 ޖެނުއަރީ 2025 އަށް ދާއިރު މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމިފައި އޮންނާނީ. ކޯޕަރޭޓް ގަވަނެންސްގެ އުސޫލުން ދެ ކުންފުނިން ނިންމަންޖެހޭ ނިންމުންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް.“ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓޭޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެއްކޮށްލުމާ ގުޅޭ ގޮތުން ދިރާސާ ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅުވާލައި ބީސީސީގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމަވައިފައެވެ.

ސައީދު ވިދާޅުވީ، އެމްއެފްއެމްސީ ބީސީއާ ގުޅުވާލުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ރައީސް ކަނޑައާޅުއްވައިފައިވާ ކަންކަމުގެ ތެރެއިން އެންމެ ފައިދާ ހުރި ގޮތްތަކަކީ ކޮބައިތޯ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެމްއެފްއެމްސީ ބީސީސީގެ ދަށަށް ބަދަލުކުރި ނަމަވެސް އެމްއެފްއެމްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) މިހާރުވެސް އޮތް ގޮތަށް އެމްއެފްއެމްސީގެ ސަބްސިޑަރީއެއް ގޮތަށް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.