ވަޒީފާއާއި ބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމަށް ބަޔާންކުރައްވައިފައިވެއެވެ.

އެހެންނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށާއި އެ ފަރާތްތައް މި ބިލުގައި ބަޔާންކުރައްވައިފައިވެއެވެ. އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައްވެސް ކަނޑައަޅުއްވާފައިވެއެވެ.

މީގެ އިތުރުން މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.

އެގޮތުން އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ.

މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅުއްވާނެ ފިޔަވަޅުތައްވެސް ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގު ކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.