ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާލެ ސަރަހައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމުގައިވާ، ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، އަދި މާލެ ރަށްވެހިންގެ ޖަމުޢިއްޔާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި،އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ.

އެގޮތުން ގެޒެޓްގައި ނަން ޢާންމުކޮށްފައިވާ ކޮންމެ ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ހިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

 

ރައީީސް ޑރ.މުހައްމަދު މުއިއްޒު ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންތަކާ ބައްދަލު ކުރައްވަނީ

އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގިންކަން އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.