ރާއްޖޭގެ މުޅި ތާރީހުގައިވެސް، އެންމެ އިންގިލާބީ ވެރިކަމެއް ކުރެއްވީ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު އަދި ޕީޕީއެމްގެ ސެނެޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދިވެހި ތާރީހު ދުށް އެންމެ އިންގިލާބީ ވެރިކަން ކުރެއްވި ރައީސަކީ ޔާމީން ކަމަށެވެ.

އަދި ވެރިޔަކު އެއްފަހަރާ ޖަލުގައި ނުބާއްވާހާ ގިނަ ދުވަހު އެމަނިކުފާނު ޖަލުގައި ބާއްވައި ދިން ލާއިންސާނީ އަނިޔާގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ދެން އޮތީ ރައީސް ޔާމީންގެ ދެވަނަ ދައުރު ފެށެން އަހަރެއްހާ ދުވަސް ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ އެމްޑީޕީން ކަނޑު ފައްތާލާފައިވާތީ، ހައްލަކީ އެމްޑީޕީ ބަލިކުރުމެވެ.

ރައީސް ޔާމީނަކީ އިންގިލާބީ ވެރިއެއް ކަމަށް މަލީހު ވިދާޅުވިއިރު، ޕީޕީއެމްގެ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު، ރައީސް ޔާމީނަށް ވަނީ ދީފައެވެ.