ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ގާނޫނުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކްނޮލޮޖީ އާއި، އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި، ދިވެހިރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.

މި ބިލުގައި، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރައްވާފައިވެއެވެ.

ހަމައެހެންމެ މި ބިލުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ، އިންވެސްޓްކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ހޯދުމަށްފަހުގައިކަންވެސް ބަޔާންކޮށްފައިވެއެވެ.

އަދި ފޮރިން އިންވެސްޓްމަންޓްގެ ހުއްދަ ދިނުމުގައި ފުރިހަމަކުރަންޖެހޭ މަރުޙަލާތަކާއި، ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދިނުމުގެ އިޖުރާއަތުތަކާއި، އިންވެސްޓަރުންގެ ޒިންމާތަކާއި، އިންވެސްޓަރުންނަށް މި ޤާނޫނުން ލިބިދެވޭ ޙިމާޔަތާއި ރައްކާތެރިކަމާ ގުޅޭ މާއްދާތައް މި ބިލުގައި ހިމަނައިފައިވެއެވެ.

އޭގެއިތުރުން، މި ބިލުގައި އިންވެސްޓްމަންޓް ދައުލަތަށް ނެގިދާނެ ޚާއްޞަ ޙާލަތްތަކާއި، ޤާނޫނާ ޚިލާފުވާނެ ޢަމަލުތައް ކަނޑައަޅައިފައިވެއެވެ. އަދި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ފިޔަވައި ފޮރިން އިންވެސްޓްމަންޓާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލެއް މި ޤާނޫނާ ފުށުއަރާނަމަ، އިސްކަންދޭނީ މި ޤާނޫނަށް ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލާ ގުޅޭގޮތުން އިތުރު މަޢުލޫމަތު މީޑިއާއަށް ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މި ބިލާ ގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރެއްވީ ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުގެ އެންމެ އިސްވެރިންނެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، އެޓަރނީ ޖެނެރަލް ހިމެނެއެވެ.

01 މޭ 1979 ގައި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު ވުޖޫދަށް އައިތާ 45 އަހަރު ފަހުން، މިއީ މި ޤާނޫނަށް ޒަމާނީ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.

ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ފަހުންނެވެ. އަދި މި ބިލުގެ ދަށުން ހެދުމަށް ބަޔާންކޮށްފައިވާ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު އުވުނީއެވެ.