ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމަށާއި ދިވެހީންގެ ތަބީއަތަކީ މިނިވަންކަމާއެކު ދެމި ތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ތަބީއަތަކީ މިނިވަންކަމާއެކު ތިބުން ކަމަށްވާއިރު، އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރަނީ އެ އަސާސްގެ މައްޗަށް ކަމަށެވެ.
”ގައުމެއް ދެމި ތިބުމަށް ޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާން. މިއީ ވެސް ތަބީއީ ކަމެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯބި ނުކުރެވޭނެ ކަމަށެވެ.
ހަމަ އެހެންމެ އަމިއްލަވަންތަކަން ދިފާއު ނުކުރެވޭ ނަމަ، މިނިވަންކަން ދިފާއު ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
”އެހެންކަމުން ގައުމެއް ދިފާއު ކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއު ކުރަންޖެހޭ“ ރައީސް ވިދާޅުވިއެވެ.
ރައީީސްގެ ވާހަކަފުޅުގައި ގައުމެއްގެ ގައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސް ކަމަށާއި މާދަރީ ބަހަކީ އަމިއްލަ ގައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި ގައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއް ކަމަށެވެ.
އެގޮތުން 1965ވަނަ އަހަރު އދ. އިން ދިވެހިރާއްޖެ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރި އިރު، ވެވިފައި ހުރި ބަހުސުތަކުގެ ކަރުދާސްތައް އަދި ވެސް ފެންނަން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

