ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
ޒަމީރު ޔޫއޭއީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް، ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އާ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި، ޔޫއޭއީގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް، މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.
މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ.
އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިރާޔަތްކުރައްވައި އެ ގައުމަަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި މުވައްޒަފުންނާ ވެސް ބައްދަލުކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަހުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

