ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާގެ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އަދި މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް މައުލޫމާތު ދިނެވެ.
”އަދި މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވަނީ ފެނިފައި.“ އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި މި މައްސަލައާއި ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުން ކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވައިލުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 3000 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

