ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 2:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ސައިކަލު ދުއްވަން އިން މީހާއަށް ރޭ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން އުމުރުން 26 އަހަރުގެ ފިރިހެން މީހާ ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.