ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕާފުޅު، އަބްދުއްސަލާމް އަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މި ތައުޒިޔާ ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މަރުޙޫމް އަބްދުއްސަލާމް އަލީ އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި އެ މަރުހޫމަކީ ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ހުލްގު ހެޔޮ ބޭފުޅެއް ކަމުގައެވެ.

މީގެއިތުރުން، ރައީސް މުއިއްޒު ވަނީ މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.

އަދި މާތް ރަސްކަލާނގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް އަބްދުއްސަލާމް އަލީ ލަހައްޓެވުމަށް އެދި ދުއާ ދަންނަވައިފައިވެއެވެ.