ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިިފިއެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވަނީ، މި ހާދިސާގައި ނިޔާވި ޒުވާނާގެ ފުރާނާ، ހަސަން ސަމާހުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާގުޅިގެން އަޅުއްވާނެކަމަށެވެ.

އަދި ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަންފީޒު ކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މަގުތަކަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރެއްވުމަށް އާންމުންގެ ކިބައިން އަމީން ވަނީ އިލްތިމާސްކުރައްވާފައެވެ.