ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއިވެެއެވެ.

އަދި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ.

އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ރަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ.

މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރެއެވެ.