މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރުކަމަށެވެ.
އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.
ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781610.99 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

