ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވެ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއީ) މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ރާއްޖެއަކީ ބޯޓު ފަހަރު ދަތުރު ކުރާ ސަރަހައްދަކަށްވުމާއެކު ތެޔޮ ވިއްކުމަކީ އިގްތިސާދަށް ހެޔޮ ބަދަލު އަންނާނެ ކަމެކެވެ.

މިކަމަށްޓަކައި ވަޖީހު ވަނީ ރައީީސް ޑރ.މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.

”ޝުކުރިއްޔާ ރައީސް ޑރ.މުހައްމަދު މުޢިއްޒު، މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލް ތަކެއް ގެނެސް ދޭނެ ހިދުމަތެއް،  މިއީ މި ގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް،  މަނިކުފާނުގެ ދުރު ވިސްނުން ފުޅަށާއި ޙިކުމަތްތެރި ކަމަށް އަޅުގަޑުމެން ޝުކުރު ދަންނަވަމު” ސީއީއޯ ވަޖީހު ވިދާޅުވެފައިވެއެވެ.

ވަޖީހު ވިދާޅުވެފައިވަނީ ބަންކަރިންގެ ހިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް ފޯރު ކޮށްދޭން ފެށޭނެކަމަށެވެ.

އަދި މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހި ވެގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ  ums.mv އުތުރު މެރިޓައިމް ސާވިސަސްއެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި،  އޮއިލް ޓޭންކުތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް  ވެސް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިން ސަރވިސް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު، މި މަހުގެ 10 ވަނަ ދުވަހު ވިދާޅުވެފައިވެއެވެ.

ބަންކަރިން ސަރވިސް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމް.ޕީ.އެލް) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ.