ޗައިނާއާއި ރާއްޖޭގައި ދެގައުމުގެ ފައިސާ ބޭނުން ކުރަން ފެށުމާއެކު ޑޮލަރަށް ބަރޯސާވުން ކުޑަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމަކީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެ، ހަރުދަނާ ކުރުމަށް ބޭނުން ކުރެވޭނެ އާލާތެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ޗައިނާއާއެކު ރާއްޖޭގެ ވިޔަފާރިތަކުން ކުރާ މުއާމަލާތަކަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ޑޮލަރަށް ބަރޯސާވުން ވެސް ކުޑަވާނެ ކަމަށެވެ.