ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ގަސް އިންދުން އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދުނިޔޭގެ އޯޒޯން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފެހިކަން އިތުރުކޮށް، ގަސް އިންދުން އިތުރު ކުރުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހަރަދު ކުޑަ، ޔަގީންކަން ބޮޑު ހައްލެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ ރިޔާސީ ވައުދެކެވެ.
މި ވައުދުފުޅު ފުއްދެވުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިދިޔަ ޖޫންމަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ ވެސް ރައީސް މުއިއްޒެވެ.

