ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 41000 އަށްވުރެ ގިނަ ވެއްޖެއެވެ.
އިޒްރޭލުން ޣައްޒާއަށް އުދުވާނީ ހަމަލާތައް ދޭން ފަށާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، މި ހަމަލާތަކުގައި 41،206 މީހަކު ޝަހީދުވީއިރު، 95,337 މީހުން ޒަހަމްވެފައިވާ ކަމުގައެވެ.
”ޔަހޫދީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ފަލަސްޠީނުގެ 24 މީހަކު ޝަހީދުކޮށް، 57 މީހަކު ޒަހަމް ކޮށްލައިފައި.“ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަކާ ގުޅިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް އިޒްރޭލުން ދަނީ ހަމަލާތައް ދެމުންނެވެ.

