ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ހާޒިރުވެތިއްބެވި 86 މެންބަރުންގެ ތެރެއިން 85 މެންބަރުން ވަނީ ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް ތާއީދުކޮށް ވޯޓުދެއްވައިފައެވެ.

ޕީޖީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ މަހުގެ 22 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަ މީހަކު ކުރިމަތިލި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.

ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަން ދިރާސާކޮށް ނިންމި އިރު، އޭނާއާ އިންޓަވިއު ވެސް ކޮށްފައިވެއެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ.

އައްބާސް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.