މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ވަރުގަދަ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދުވަސްވަރުގައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާކަނާ ޝޯ އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ އިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރެއްވިއެވެ.

އެ ވީޑިއޯގައި ފެނިގެންދަނީ، ދަރިއެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ބައްޕަ މަރުވާ މަންޒަރެވެ. އެއީ އެ ފިރިހެންމީހާގެ ހުރި ހަމައެކަނި ދަރިވެސްމެއެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ފަރުވާ ކުޑަވެގެން ހެދޭ ގޯހެއް ރަނގަޅުކުރުމަށް ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށެވެ.

”ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ!“ ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އަންގަވައިފައިވާއިރު، މިކަމާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.