ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކީގައި ނިޔާވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ މަނިކު(50އ) ގެ އޮޓޮޕްސީ ނުހެދީ އިތުރަށް ބަލަން ޖެހޭ ބެލުންތަކެއް ނެތުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު، ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ތަނުގައި ވަޅިއެއްވެސް އޮތެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީ ނުހެދީ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތަކާއި ތަހުލީލްތައްކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށް ފަހު އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށެވެ.
ނަމަވެސް އޭނާ ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަހުގީގު ޓީމެއް މިހާރު ވެސް ތިބީ ހޮޅުދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.

