މެރިޓައިމް ހިދުމަތްތައް ފުޅާކޮށް، އެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހައްދަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އުތުރުގެ މެރިޓައިމް ހިދުމަތްތައް ފެށުމަށްޓަކައި ގާއިމު ކުރި އުލިގަމު އައިއެސްޕީއެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޕީއެލްގެ ހިދުމަތްތައް މިހާތަނަށް ދެމުން އައީ ކޮންޓެއިނަރ ބޭލުމުގެ ހިދުމަތެއްގެ ގޮތުގައި އެކަނިކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެކަމުން ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖައްސަން ޖެހުމުން ހިދުމަތުގެ އަގު ބޮޑުވާ ކަމަށެވެ.

އެހެންކަމުން މެރިޓައިމް ހިދުމަތްތަކާއެކު ކުންފުނީގެ އަމާޒަކީ ހިދުމަތްތަކުގެ އަގު ހެޔޮކޮށް، މުދަލުގެ އަގު ހެޔޮކޮށްދިނުން ކަމަށް އޭނާ ިވިދާޅުވިއެވެ.

މެރިޓައިމް ހިދުމަތްތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަވާއިރު މިއީ ބޮޑު ފައިދާއެއް ލިބޭނެ ސިނާއަތެއްކަމަށް ވަޖީހު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ 10 މަސް ދުވަސް ތެރޭގައި މި މަސައްކަތް ފެށިގެން ދިޔަކަން ވެސް އެމްޕީއެލްގެ ސީއީއޯ ވަނީ ފާހަގަކުރައްވައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި އައިއެސްޕީއެސް ގޭޓް އިފްތިތާހު ކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އިދުރީސް އާދަމެވެ.