އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީ ކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދިޔުމުގައި ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީ ކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަން ވާނީ، އެ މަޝްރޫއު ކުރިއަށްގެންދާ ފަރާތްތަކާއި އެޕާޓްމަންޓް ގަންނަ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ.

ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ބުކިން ފީގެ ގޮތުގައި އެޕާޓްމަންޓްގެ ޖުމްލަ އަގުން އުނިކުރެވޭ ގޮތަށް ގިނަވެގެން 50،000 ރުފިޔާގެ ރިފަންޑަބަލް ފީއެއް ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވޮލޮޕަރަށް ލިބިގެންވާ ކަމަަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެެޕާޓްމަންްޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނިންމައި އެ ކޯޕަރޭޝަނުން އެކަމުގެ ހުއްދަ ހޯދުމަށް ފަހު ކަމަށާއި އެ ހުއްދައިގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނުނެގޭނެ ކަމަށެވެ.

އެހެން ނަމަވެސް އަސޭރިއާ ޕްރޮޖެކްޓުގައި އެ އުސޫލު އިސްތިސްނާވާނެ ކަމަށާއި އެ ޕްރޮޖެކްޓުގެ އެޕާޓްމެންޓްތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުން އަތުން އެއް މިލިއަން ރުފިޔާގެ (950،000ރ. ރިފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވޮލޮޕަރަށް ލިބިގެންވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.