މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 22 ސެލޫނަކާއި ސްޕާތައް ބަލައި ފާސްކޮށް، 7 ބިދޭސީ އަންހެނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި ކަމަށެވެ.
އެގޮތުން، ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ހަތް އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާ އިން ފާހަގަކުރިއެވެ.
”އަދި ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 07 ފަރާތަކަށް ވަނީ ނޯޓިސްދީފައި.“ އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހައިތަނަށް 3000 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލައިފައެވެ.

