ރާއްޖޭގެ ތާރީޚުގައި އަލަށް ބަންކަރިންގެ ޚިދުމަތް ފެށުމާމެދު، ޝައްކު އުފެއްދުމަށް އިސް ބަޔަކު މަސައްކަތް ކުރެއްވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ.ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގައި މީގެ ކުރިން ވެސް ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކުރައްވަން ބޭނުންފުޅުވެލެއްވި ކަމެއް ކަމުގައި ވިޔަސް، އެކި ސަބަބުތަކާ ހުރެ އެކަން ކާމިޔާބު ނުވި ކަމަށެވެ.
މި ސަރުކާރުން އެކަން ފަށަން އުޅުމުން، ދައުލަތުން ބޮޑު މުސާރަ ނަގާ ބަޔަކު އެކަން ވިޔަ ނުދިނުމަށް ”ފައި ވިއްދައިގެން“ ތިބި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
”ދެ ލައްކައެއްހާ ރުފިޔާ މުސާރަ ނަންގަވާ ބޭފުޅުން ވެސް، ވަހުމް އުފައްދާ، ޝައްކު ކުރުވާ، މިކަން ވިޔަ ނުދިނުމަށްޓަކާ ހަމަ ފައި ވިއްދާފަ، މިކަން ވިޔަ ނުދިނުމަށްޓަކާ، ރާއްޖެ ބަނގުރޫޓު ކުރުމަށް، މިކަން ވެސް ވިޔަ ނުދިނުމަށްޓަކާ، އަޒުމް ކަނޑައަޅައިގެން.“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މީގެ 50 އަހަރު ކުރިން މަސް ދޯންޏެއްގައި ފުރަތަމަ ފަހަރަށް އަލަށް އިންޖީނު އަޅަން އުޅުމުން އޭރު އެ ކަމާ ބަޔަކު ދެކޮޅު ހެދިކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން އިންޖީނު އެޅުން އެއީ މަސް އައިންތައް ފިލާނެ ކަމަށް ބުނަމުން އައިކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ކޮންމެ މަސްވެރި ދޯންޏަކުން ވެސް ބަލަނީ ބޮޑު އިންޖީނެއް އަޅުވަން ކަަމަށާއި މަަސް އައިންތައް ވެސް ނުފިލާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަންކަރިން ހިދުމަތާމެދު ޝައްކު އުފެއްދުމަށް އިސް ވެރިން އުޅުއްވި ކަމަށް ސައީދު ވިދާޅުވިއިރު، ބަންކަރިން ހިދުމަތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ލިބޭނީ ބާދަގަނޑު ކޮޅެއް ކަމަށާއި އެ މަޝްރޫއާ ގުޅިގެން ސަރުކާރުން ޖަހާ ހިސާބުތައް އެއްވެސް ވަރަކަށް ދިމާނުވާ ކަމަށް ކުރީގެ ރައީސް ޔާމީން މިފަހުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.
މި ހިދުމަތަށް މިހާރު ވެސް ބުކިން ލިބެމުންދާއިރު، އެސްޓީއޯއިން ވަނީ މިކަމަށް ދެ ބޯޓު ވެސް ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓެވެ.

