މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިގްތިސާދުގެ ޕްރެކްޓިސް މެނޭޖަރު އޭން ޖީނެޓް ގްލޯބާއާ މަޝްވަރާކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ވޯލްޑް ބޭންކުން ފަންޑުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް މިނިސްޓަރު ޝަހީމް އަލިއަޅުއްވާލެއްވި ކަމަށެވެ.

އެގޮތުން މިފްކޯއަށް ގަންނަ މަހުގެ 65 ޕަސެންޓަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި އަދަދު މަދުކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ 35 ޕަސެންޓް ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އޭން ޖީނެޓް ގްލޯބަރ ވިދާޅުވެފައިވަނީ، ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށެވެ.

އަދި މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިކަމާ ގުޅޭ ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ވިދާޅުވިއެވެ.