ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ ގައި އޮތް މިދަނޑިވަޅުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިހަވަންދިއްޕޮޅުގަައި ބަންކަރިންގެ ހިދުމަތް ފެށުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ އަދި ބީ ޕްލަސްގައި އޮތްއިރު ފަށަން މަސައްކަތްކުރި އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ޚިދުމަތް ނުފެށުނު ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ އަށް ދަށްކޮށްފައިވާ މި ދަނޑިވަޅުގައި އިންވެސްޓަރުންގެ އިތުބާރު ހޯދައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ އެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ.
މި ހިދުމަތް ދިނުމަށް ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ”މެރިން ބެއްލާ“ އާއި ”މެރިން އެންޖެލް“ ވަނީ ގެނެސްފައެވެ.
މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެ ހިދުމަތެއް ކަމަށް ބެލެވެއެވެ.

