ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރޭ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ގައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ.
އެގޮތުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށާއި އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީއާ ތަރައްގީއާ ގުޅޭކަންކަންކަމާއި ރާއްޖޭގެ ކުރިމަގަށް މުހިންމު ކަންމުގެ ވާހަކަދައްކަވައި އދ އާއި އެކިއެކި ގައުމުތަކާއި އެކިއެކި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ގައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

