ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހީންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށާއި، ވެރިކަމުގައި ފާއިތުވެގެން ދިޔަ 10 މަސް ދުވަސް ތެރޭގައި ދިވެހީންގެ މަސްލަހަތު އިތުރު ބާރު މިނެއްގައި ކުރިއަރުވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖެ އދގެ މެމްބަރު ގައުމަކަށް ވީތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމެރިކާގައި ހުންނަވައި ދެއްވި ވީޑިއޯ ހިތާބުގައެވެ.

އެގޮތުން ދިވެހީންގެ މިނިވަންކަމާއި ރައްކާތެރިކަން އިސްކުރައްވައި، ”ޕްރޯ މޯލްޑިވްސް“ ޕޮލިސީ ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

 

”އެނގިވަޑައިގަންނަވާނެ ފަދައިން، ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއަށް އޮތް 10 އަހަރުގެ ތަރައްގީގެ ޕްލޭން، މިހާރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި ދެ ގައުމުގެ ތެރެއިން، އެއް ގައުމަކީ ދިވެހިރާއްޖެ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ މެމްބަރުކަން ހޯދުމްށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަން ވެސް ރައީީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ރައީީސް ވިދާޅުވީ، ރާއްޖެ އދގެ މެމްބަރު ގައުމަކަށް ވެގެން ދިޔުމަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުތަކާ އެއް ސަފެއްގައި ކޮނޑާ ކޮނޑު ހަމަ ކުރުމަށް މަގުފަހިވެގެންދިޔަ ދުވަސް ކަމަށެވެ. އަދި ރާއްޖެއަށް އދގެ މެމްބަރުކަން ލިބުނީ، ރާއްޖެއަށް އަލުން މިނިވަންކަން ލިބުނުތާ އެންމެ 57 ދުވަސް ވީތަނާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ހިތާބުގައި އދގައި ދިވެހީން ކުރަމުންދާ ދަތުރަކީ، ގައުމު ފަހުރުވެރިވާ ފަދަ ދަތުރެއް ކަމަށާއި، އެއީ އެކަހެރިވެފައި އޮތް ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި، އެކުވެރިކަމުގައި ކުރާ ދަތުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

”ނިކަމެތިކަމުން، ފުދުންތެރިކަމަށް ބިންގާ އެޅި ދަތުރެއް.“ ރައީީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ އދގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކުރި 59 އަހަރު ތެރޭގައި ރާއްޖޭގެ ޑިޕްލޮމެޓުން ވަނީ އދގައި ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަރުވައިފައި ކަމަށެވެ.