ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާ ގަޑިތަކުގައި ބޭރަށް ނިކުމެ ނޫޅުމަށް އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށް ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބާ ގުޅިގެން، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތީ ކާފިއު ހިންގާފައެވެ.
ކާފިއުގެ ވަގުތެއް ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 10:00 އިން ފެށިގެން އާދީއްދަ ދުވަހުގެ ހެނދުނު 06:00 އަށެވެ.
ނަމަވެސް، އިލެކްޝަން ކޮމިޝަނާ ފުލުހުން މަޝްވަރާކުރުމަށް ފަހު ކާފިއުގެ ވަގުތަށް ބަދަލު ގެނެސް މިހާރު ވަނީ މިއަދުގެ 12:00 އަށް ވަގުތު ދިގުކޮށްފައެވެ.
ހައި ކޮމިޝަނުންވަނީ ކާފިއު ގަޑިތަކުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހީން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.
އަދި އެގަޑިތަކުގައި ކުއްލި ހާލަތުގައި ހައިކޮމިޝަންގެ އެހީތެރިކަމަށް ބޭނުންވާކަމުގައިވާނަމަ ލަންކާ މިޝަންގެ ހޮޓްލައިނަށް ގުޅުމަށްވަނީ އެދިފައެވެ.
ހައި ކޮމިޝަނުން ބުނީ ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން މިމަހުގެ 23 ވާ ހޯމަދުވަހަކީ އެ ގައުމުގެ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ.
އެހެންކަމުން އެދުވަހަކީ ދިވެހި ހައި ކޮމިޝަންވެސް ބަންދު ދުވަހެއްކަމަށް ބުންޏެވެ.
ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕަލަސް ލިބަރޭޝަން ޕާޓީ (ޖޭވީޕީ) ނުވަތަ ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ގެ ކެންޑިޑޭޓް އަރޫނާ ކުމާރަ ޑިސަނަޔަކަ ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.
ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ޑިސަނަޔަކު އިންތިހާބުގެ ކުރި ހޯއްދެވީ ވޯޓްލީ މީހުންގެ 51 ޕަސެންޓާ އެކީގައެވެ.

