ފަލަސްތީނުގެ ޣައްޒާ ސިޓީގެ ސްކޫލަކަށް އިޒްރޭލުގެ އަނިޔާވެރި ޔަހޫދީން އިތުރު ހަމަލާއެއް ދީފިއެވެ.
އަލްޖަޒީރާ ނޫހުން ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ ބުނީ، ޣައްޒާގެ އިރުމަތީ ސަރަހައްދެއްގައިވާ ޒޭތޫން ސްކޫލަށް ޔަހޫދީން ދިން މި ހަމަލާގައި 22 މީހުން ޝަހީދު ކޮށްލި ކަމަށެވެ.
އޭގެތެރޭގައި 13 ކުޑަކުދިންނާއި ހަ އަންހެނުން ހިމެނެއެވެ. އެ ސްކޫލަކީ ހަނގުރާމައިން ހިމާޔަތް ހޯދުމަށް މީހުން ވަދެ ތިބި ތަނެކެވެ.
މި ހަމަލާގައި 30 މީހަކު ޒަހަމްވެ، ބައެއް މީހުން ވަނީ ފިހިފައެވެ. އަދި ދެ މީހަކު ވަނީ ގެއްލިފައެވެ.
އިޒްރޭލުން ސްކޫލަށް ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުގެ މެމްބަރުންނަށް އަމާޒުކޮށް ދޭ ހަމަލާއެއް ކަމަށް ބުނުމަށްފަހުގައެވެ. މީގެ ކުރިން ވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ ސްކޫލްތަކުގައި ހިމާޔަތް ހޯދައިގެން ތިބި އެތައް ބަޔަކަށް ހަމަލާ ދީ، ގިނަ ބަޔަކު ޝަހީދުކޮށްލައިފައެވެ.

