ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވައިލަން މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހައިތަނަށް 4000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވައިލައިފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި މިއަދު އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި، މި ވެރިކަމުގެ 10 މަސް ދުވަސް ތެރޭގައި، 4054 ބިދޭސީން ވަނީ ފޮނުވައިލައިފައެވެ.

އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ.

އިމިގްރޭޝަނުން ބުނީ، މިދިޔަ ނޮވެމްބަރު މަހު 90 ބިދޭސީން ފޮނުވައިލެވުނުއިރު، ޑިސެމްބަރު މަހު 202 ބިދޭސީން ފޮނުވައިލެވުނު ކަމަށެވެ.

އެހެނިހެން މަސްތަކުގައި ފުރުވައިލި ބިދޭސީންގެ އަދަދުތައް:

ޖެނުއަރީ- 237

ފެބްރުއަރީ- 309

މާޗު- 331

އޭޕްރީލް- 240

މެއި- 377

ޖޫން- 690

ޖުލައި- 461

އޯގަސްޓް- 453

ސެޕްޓެމްބަރު- 663

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޑުދާރުކަމުގައި ކާބޯތަކެތި ވިއްކުމާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓު ކޮށްލައިފައެވެ. އިމިގްރޭޝަންގެ މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.