ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ޑިސަނަޔަކަ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ އަށް ޑިސަނަޔަކަ އަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލަންކާ އިންތިހާބުގައި ދެވަނަ ފަހަރަށް ވޯޓު ގުނަން ޖެހުނީ ފުރަތަމަ ފަހަރަށް ވޯޓު ގުނައިގެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުމާ ގުޅިގެންނެވެ. ދެވަނަ ފަހަރަށް ވޯޓު ގުނިއިރު ބަލާފައިވަނީ އާންމުން ދެވަނަ އަދި ތިންވަނަ އަށް ޑިސަނަޔަކަ އަދި ސަޖިތު ހިޔާރުކޮށްފައިވާ މިންވަރަށެވެ.
ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ދެވަނަ ފަހަރަށް ވޯޓު ގުނުމުން ޑިސަނަޔަކަ ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

