އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ”އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން“ ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ.

އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލެއްވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.