ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒި މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 94ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ގައުމުގެ ހުރިހާ ރައްޔިތުންނަށް، އެ ގައުމުގެ 94 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

