ޑިޖިޓަލް، އިގްތިސާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރި ކުރުވުމުގެ ހަރަކާތެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުން ރައީީސް ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް ވަނީ ހުށަހަޅުއްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ.
އެގޮތުން ޑިޖިޓަލް އިގްތިސާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިގްތިސާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމެވެ.
އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ހާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ހައްގުތައް ރައްކާތެރިކުރުމެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ޤާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްޓަކައި ކަމުގައެވެ.
ރައީީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޝާމިލު މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންގިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި، ޝާމިލު، ވިލުންތެރި އަދި ޢަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

