ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އޮމާންގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ އޮމާންގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އޮމާންގެ ހާރިޖީ ވަޒީރާ ހިއްސާކުރައްވާފައެވެ.
އަދި އެ ގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

