ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކުވޭތުގެ ވަލީއަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޝައިހް ސަބާހް އަލް ހާލިދު އަލް ހަމަދު އަލް މުބާރަކް އަލް ސަބާހްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ޙާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތުގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވިއެވެ.

‎މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ކުވޭތުގެ ވަލީ އަހްދު ވަނީ ދެ ޤައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.