ިކޮންމެ ދިވެއްސަކު ވެސް އަބަދުވެސް ފަލަސްތީނާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ފަލަސްތީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވައިފައެވެ.

އެމަނިކުފާނު މި ޔަގީންކަންދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްތީނުގެ ރައީސް ޑރ.މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ.

އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްތީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ފަލަސްޠީނާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ.

ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.