ކޮންމެ އަހަރަކު ވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދު އަލް-ސައުދު އާ މަޝްވަރާ ކުރައްވައިފިއެވެ.

އެމަނިކުފާނު އިއްޔެ ސައުދީގެ ހާރިޖީ ވަޒީރުއާ ބައްދަލު ކުރެއްވީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް ސައުދީ އަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސޯދީ ތަރައްގީއާ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެ ގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް އާއި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުގެ އެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.