ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ ބުރަ މަސައްކަތެއް ކަމުގައި ހީވިޔަސް، އެއީ ކުރެވިދާނެ ކަމެއް ކަމަށާއި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަގުރީރުގައެވެ.

ރައީީސް މުއިއްޒު ވިދާޅުވީ، އަމާޒަކާއި، ތަސައްވުރަކާއެކު ރާއްޖެ އަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދޭނެ ކަމަށެވެ.

އެގޮތުން 2040 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ފެންނަން ބޭނުންފުޅުވެލައްވާ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

ރައީީސްގެ ވާހަކަފުޅުގައި، 1965 ވަނަ އަހަރު، ރާއްޖެއަށް އަލުން މިނިވަންކަން ލިބުނުއިރު، ރާއްޖެ އަކީ ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ކަމަށާއި، އާބާދީގެ ބޮޑު ބައެއް ލިޔަން ކިޔަން ނުދަންނަކަން ފާހަގަކުރެއްވިއެވެ.

”ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު ދިޔައީ މަރުވަމުން، ފުރަތަމަ އުފަން ދުވަސް އައުމުގެ ކުރީން.“ ރައީސް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން، 50 އަހަރުގެ ތެރޭގައި، ރާއްޖެ އަކީ މެދުމިނުގެ އާމްދަނީއެއް ލިބޭ ގައުމަކަށް ތަރައްގީ ވެގެންދިޔަ ކަމަށާއި، އެއީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައީީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިގްތިސާދު މުޅިން ޑިޖިޓަލައިޒްކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމާއިއެކު، ރާއްޖެ އަކީ ވެސް ތަރައްގީވެފައިވާ ގައުމަކަށް ހެދޭނެއެވެ. މިކަން ހާސިލު ކުރުމަށް، ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ކަނޑުގެ ވަސީލަތްތައް ވެސް ބޭނުން ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަން ތަކުރާރު ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރެއްވިއެވެ.

އަދި ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާ ދިރުންތައް ހިމާޔަތްކުރުމާއި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތައް ޙިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މުސްތަގުބަލުގެ ޖީލުތަކަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފައެވެ.

 

ެ

 

ެ