އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކެއްގައި 50 ކުޑަކުދިން މަރާލައިފިއެވެ.
އިޒްރޭލުން ލުބްނާންގެ އެކި ތަންތަނަށް ބޮން އަޅައި، 569 މީހުން މަރާލިއިރު، އޭގެތެރޭގައި 50 ކުޑަކުދިން ހިމެނޭ ކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެއެވެ.
ލުބްނާންގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ، އިޒްރޭލުގެ މި ހަމަލާތަކުގައި 1,835 މީހުން ޒަޚަމް ވެސް ވެފައިވާ ކަމުގައެވެ.
ލުބްނާންގެ ހިޒްބުﷲ އިން ވަނީ މި ހަމަލާތަކުގެ ރައްދެއްގެ ގޮތުން، އިޒްރޭލުގެ ވަޔާއި ކަނޑުގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދީފައި ކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ.
އިޒްރޭލުން ލުބްނާނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ހަމަލާތައް ދެމުންދަނީ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ކަމަށާއި، ލުބްނާންގެ ރައްޔިތުން ހިޒްބުﷲގެ މީހުން އުޅޭ ސަރަހައްދުތައް ދޫކޮށް ދިޔުމަށް އަންގާ ކަމަށެވެ.
ހޯމަ ދުވަހު ފެށި ހަމަލާބަދަލު ކުރުންތަކާއެކު، ލުބްނާންގެ ގިނަ ބަޔަކު ދަނީ ހަމަލާތަކުން ސަލާމަތްވުމަށް ރައްކާތެރި ހިސާބުތަކަށް ދަތުރު ވެސް ކުރަމުންނެވެ.

