ނޭވާލާ ނިޒާމަށް ޖެހޭ ވައިރަހަކުން ފެތުރޭ ބައްޔެއް އިތުރުވާތީ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ފެތުރުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.
އަދި މި ވައިރަސް އާންމުކޮށް ފެތުރެނީ ކުޑަކުދިންގެ މެދުގައި ކަމަށް ބުންޏެވެ.
މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާވާ ވައިރަހެކެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު ގާތުން މޮނިޓާކުރަމުން އަންނަ ކަމަށާއި، މި ވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ގިނައިން އަތް ދޮވެ، މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި މާސްކު އަޅައި ރައްކާތެރިވުމަށް އެދޭ ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.
ހުން އައިސް، ކެއްސައި، ނޭވާލާ ލުމަށް އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ދިމާވާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން ބުނީ މި ބައްޔަށް ފަރުވާ ހޯދުން އަވަސްކޮށްފި ނަމަ ބަލިން ސަލާމަތް ވުން އަވަސްވާނެ ކަމަށެވެ.
މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަހެކެވެ. މި ވައިރަސް ފެތުރެން މެދުވެރިވަނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހެއް ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުންނެވެ.

