ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ތަހުގީގީ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކޮންގްރެސް ޕާޓީން ގޮވައިލައިފިއެވެ.

ފޭސްބުކްގައި މީހަކު ވަނީ، ރައީސް މުއިއްޒުގެ ވީޑިއޯއަކަށް ކޮމެންޓު ކުރަމުން، އެމަނިކުފާނު އަވަހާރަ ކޮށްލާނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް، ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީީސް މުއިއްޒު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާ ވާނެފަދަ އަމަލެއް ހިންގާނެ ކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ، އެ މައްސަލަ އަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަން ދީގެން، ބަލަންޖެހޭ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

”އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒު ކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސް ކުރަމެވެ.“ އެ ބަޔާނުގައިވެއެވެ.

ޕީއެންސީން އިތުރަށް ބުނީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކު ނުކުރާ ކަމަށެވެ.