މާލޭގެ މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ޕޮލިސް ކޮމާންޑުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސްގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމަށެވެ.

އެގޮތުން، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން ފެށުމާއެކު، މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާ އަދި މާލެ ޕޮލިސްގައި މަސައްކަތްކުރާ އެންމެހައި އޮފިސަރުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ވަނީ ބައިވެރިވެފައެވެ.