އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަގްރީރު ކުރަން ފެށުމުން އެ ހޯލުގައި ތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެވަޑައިގެން، ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވީޑިއޯ އާއި ފޮޓޯއެއް ހިއްސާ ކުރައްވައި ވިދާޅުވީ، ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާމެދު ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައިކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.
”އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައި.“ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ކަމަށެވެ.
ޔަހޫދީން ޣައްޒާއަށް އެންމެ ފަހުގެ އުދުވާނީ ހަމަލާތައް ދޭން ފެށީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ޣައްޒާ ހަނގުރާމައަށް އަހަރެއް ވާން ކައިރިވީއިރު، ފަލަސްތީނުގެ 40،000އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ.

