އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑޮކްޓަރ މުޢިއްޒު ފުރާވަޑައިގަތީ ހޮނިހިރު ދުވަހުއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ.
މީގެ އިތުރުން އެމަނިމުފާނު ވަނީ އދގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ.
މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަގުރީރެއް ދެއްވާފައެވެ.
އަދި ޔޫއެންޖީއޭ 79ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް އެއްތަނަކުން އެއް ވަގުތެއްގައި ބައްދަލުކުރައްވާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
އެގޮތުން ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ ”ޑީންސް ލީޑަރޝިޕް ސީރީޒް“ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ.
އޭގެ އިތުރުން، ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މިހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ.
މިއީ ޑޮކްޓަރ މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

