މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް އެމްސީއެލްއިން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ފައިދާއިން ބޯނަސްގެ ގޮތުގައި ޖަމާވާ ރުފިޔާ މިއަދު މުވައްޒަފުންނަށް މުސާރައާއެކު ޖަމާވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން އަހަރީ ބޯނަސް ދިނުމުގައި ބަލަނީ އަހަރުގެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިގެންނެވެ.
ނަމަވެސް، އަހްލާގީ މައްސަލައެއްގައި އެ މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވާ ނަމަ އެފަދަ މުވައްޒަފުންނަށް ބޯނަހެއް ނުލިބެއެވެ.
ފާއިތުވި ތިން އަހަރު އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25،000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފައެވެ.
މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ.

