ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ނިޝާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ، އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފައެވެ.

އަދި ދުނިޔޭގެ އިޤްތިޞާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ޤައުމުގެ ތަރައްޤީ ޒަމާނާ ހަމަހަމަކުރުމަށް އަޙައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ޙާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

‎އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަޞައްވުރު ޙިއްސާކުރައްވާފައިވެއެވެ.

‎މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.